އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދޭނަން: ރައީސް
20 އޯގަސްޓު 2025 - 06:47

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި ފަންސާސް ހައުސިންގް ޔުނިޓްގެ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، އއ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށެވެ. ރަށުގެ ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމުމުން ގެދޮރުގެ މަސައްލަ ހައްލުވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވަނީ، ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެ މަޝްރޫއާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ބޮޑުފޮޅުދޫގައި ޤާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަން ފާހަގަކުރައްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރަށުގައި މިހާރު ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާއި ހަވާލުކުރުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާއިގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރައްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ބޮޑުފޮޅުދޫގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.