ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދޭނަން - ރައީސް
19 އޯގަސްޓު 2025 - 13:14

އއ. ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މާފަރުފަޅު ތަރައްޤީކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައިކަމަށެވެ.

Ad by Hajj Corporation
ރައީސްގެ ވާހަކަފުޅުގައި ފެރިދޫގައި ބޭއްވި އެކި ބައްދަލުވުންތަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ބޮޑަށް އެނގިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ގާތަށް އެމަނިކުފާނު ވަޑައިގަންނަވަނީވެސް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށެވެ. ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފެރިދޫގައި ހުރި އަތޮޅު މަދަރުސާއަކީ ކުރީގެ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ފެންވަރު ދަށްވެގެން ގޮސްފައިވާ ތަނެއްކަމަށްވެސް ވިދާޅުވިއެވެ. މިއާއެކީ ސްކޫލަށް ޖާގަ އިތުރުކުރުމަށް ސޮއިކުރި އެއްބަސްވުމަކީ ސްކޫލަށް ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބާއި، ކޮމްޕިއުޓަރ ލެބާއި، ސްޓާފް ރޫމާއި، ސެން ކްލާހާއި ލައިބްރަރީ އާއި އެނޫންވެސް ވަސީލަތްތަކާއި ހުރިހާކަމެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މިސްކޫލް އިމާރާތްކުރެވޭނީ ޖާގައާއި ވަސީލަތްތައް ޤާއިމްކުރޭނެގޮތަށްކަމުގެ ޔަޤީންކަން އަޅުގަނޑު ތިބޭފުޅުންނަށް ދެން. ޑީޓެއިލް ޑިޒައިނާއި އެހެނިހެން ކަންކަން ފުރިހަމަކޮށް ގިނަވެގެން 3 މަސްތެރޭ މަސައްކަތް ފަށާނަން. ޓާގެޓަކީ އެއަށްވުރެ އަވަހަށް އަމަލީ މަސައްކަތް ފަށައި، ވަރަށް ބާރު ސްޕީޑުގަިއ ކުރިއަށްގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑުދެން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އއ. ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށާއި، އޭގެތެރޭގައި ފުލުހުންގެ މަރުކަޒު ޤާއިމްކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާއި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދާއި، ޕިކްނިކްދާނެ ސަރަހައްދު ތަރައްޤީކުރުން ހިމެނެއެވެ. އެމަސައްކަތްތައް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ބަނދަރު ނެރުގައި ހުރި މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައްވެސް ޤާއިމްކުރުން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުޓްބޯޅަ ދަނޑާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި، އައުޓްޑޯ ޖިމްގެ އިތުރުން 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އިސްލާމީ ލައިބްރަރީއާއި އެނޫންވެސް ބައެއް ޚިދުމަތް ޤާއިމްކުރުމާއެކު ކުރިއަށްދާނެ މަޝްރޫޢެކެވެ.