ދެ އިންތިހާބު އެއްކޮށްލާ ބިލު އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅަނީ
20 އޯގަސްޓު 2025 - 14:09
.jpeg&w=3840&q=75)
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބިލު އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ.މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުގެ އިސްލާހުތައް މަޖިލީހުން ފާސްކުރުމަށްފަހު، އެކަމާމެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ވެސް ނެގުން އޮންނާނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ފެންނަ ކަމުގައިވާނަމަ، އެ ދެ އިންތިހާބު ދެން އޮންނާނީ އެކުއެކީގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެން އަންނަ ދައުރަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބިލު ހުށަހަޅާނަން. އަދި ކައުންސިލްތަކުގެ އަދަދު މަދުކުރަން ހުށަހަޅާނަން. 2000 މީހުންގެ އާބާދީ ކުޑަ ނަމަ 3 ކައުންސިލަރުން. 2000 މީހުންނަށްވުރެ ގިނަ ނަމަ 5 ކައުންސިލަރުން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއި އަދި ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކާއި ޑަބްލިޔުޑީސީ މެމްބަރުން ހޮވުމުގައި ގެންނަ އިސްލާޙްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ޤާނޫނު އަސާސީ ގެންނަ އިސްލާހާއި އެކު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލަށް ވޯޓު ލާން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.