އުކުޅަހަކީ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް، ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ރައީސް

20 އޯގަސްޓު 2025 - 18:30
.jpg&w=3840&q=75)
އއ. އުކުޅަހަކީ ވަރަށް މަސައްކަތްތެރި، އެކިއެކި ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރާ، ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށާއި، ރައްޔިތުން ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އއ. އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަވާ އަދި ކުރިއަށް ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި މަޝްރޫޢުތަކަކީ އިސްކަންދީގެން ހަލުވި ދުވެލީގައި ނިންމަވައިދެއްވާނެ މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އުކުޅަހުގައި ދޯނި އެހެލާ ސަރަޙައްދެއް ތަރައްޤީކުރުމަށާއި، ސްކޫލް އޮފީސް އިމާރާތް އަދި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެއެވެ.
އުކުޅަހުގެ އަދުގެ ހާލަތަށް ބަލާއިރު، މިވަގުތު ރަށަށް އެންމެ ބޮޑުވެފައި ވަނީ ގޯތިގެދޮރުގެ މައްސަލަކަމުގައި ވާއިރު، މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު އެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި އެރަށުގެ ލޭންޑްޔޫސް ޕްލޭން ފާސްކުރައްވާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާޙް ގެންނަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ގޯތިތައް ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެރަށުގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އއ. އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއިރު، އުކުޅަސްވެސް ހިމެނޭހެން، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރާ ދާންވީ، އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސްގެ ވާހަކަފުޅުގައި ވަނީ އެކަމަށް ނަޞޭޙަތްތެރިވެވަޑައިގެން، އިލްތިމާސްކުރައްވާފައެވެ.