ރަށު ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން އިޢުލާންކޮށްފި
21 އޯގަސްޓު 2025 - 11:45

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަންއިން މިއަދު އިޢުލާނުކޮށްފިއެވެ.
ޖޭއެސްސީން ކޮށްފައިވާ އިޢުލާނުގައިވާގޮތުން މެޖިސްޓްރޭޓުން ހޯދާ ރަށްތަކަކީ، ހއ.ކެލާ، ހއ.ފިއްލަދޫ، ހދ.ކުޅުދުއްފުށީ، ށ.ކަނޑިތީމު، ށ.ކޮމަންޑޫ، ށ.ފުނަދޫ، ށ.މާއުނގޫދޫ، ނ.މާފަރު، ނ.ލަންދޫ، އއ.އުކުޅަސް، އއ.ފެރިދޫ، ދ.ކުޑަހުވަދޫ، ތ.ހިރިލަންދޫ، ލ.މާމެންދޫ، ލ.ގަން، ގއ.ވިލިނގިލި، ގއ.މާމެންދޫ، ގއ.ކަނޑުހުޅުދޫ، ގއ.ދެއްވަދޫ އަދި ގދ.ފިޔޯރީ އެވެ. އެގޮތުން، ކުޅުދުއްފުށި، ކުޑަހުވަދޫ، ގަން އަދި ވިލިނގިއްޔަށް މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު ދެން ހުރި ރަށްތަކަށް އިޢުލާންކޮށްފައިވަނީ އިސްމެޖިސްޓްރޭޓުން ހޯދުމަށެވެ.

Ad by Hajj Corporation
ޖޭއެސްސީގެ އިޢުލާނުގައިވާގޮތުން މި މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ 28 އޮގަސްޓު 2025 ވަނަ ދުވަހުގެ 12:00 ނިޔަލަށެވެ. އެގޮތުން، އެ ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި އެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި ޢަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތީންކަމަށެވެ.
މި މަޤާމުތަކަށް ހޮވޭ އިސް މެޖިސްޓްރޭޓުންނަށް މުސާރަ އާއި ޢިނާޔަތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 26,350.00 ރުފިޔާ އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 12,000.00 ރުފިޔާގެ އިތުރުން ރިސްކް އެލަވަންސް ގެ ގޮތުގައި 1,650.00 ރުފިޔާ ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މުސްލިމުންނަށްވުމާއެކު، ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވާންޖެހެއެވެ. އަދި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއެކު، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވާންޖެހެއެވެ.
މީގެއިތުރުން، މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބިދެވޭނެކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.