ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ފަށައިފި
23 އޯގަސްޓު 2025 - 05:56

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ރަސްމީކޮށް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފޮސެރ ޑރ. ޢާއިޝަތު މުނީޒާއެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕްރޮފެސަރ ޑރ. އާޢިޝަތު މުނީޒާ ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ޒަކާތުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަ ކޮށް މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2025 (އިންޒެކް 2025) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤްވާމީ ދެވަނަ ޒަކާތު ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.