"މަޢުރިފާ’ ފޮތް މަޢުރަޒު ފަށައިފި
26 އޯގަސްޓު 2025 - 12:17

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕަބްލިކޭޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފޮތްމައުރަޒު "މަޢުރިފާ 2025″ މިއަދު ހުޅުވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ މިއަދު ހަވީރު 04:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

Ad by Hajj Corporation
އެ މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
މި މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ އެ މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތްވިއްކާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.
އެ ވުޒާރާ އިން ބުނީ 'ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢާއްމުކޮށް ފިހާރަތަކުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެއެވެ. އެގޮތުން ލިބެންހުރި ފޮތްތަކުގެ ތެރޭގައި ދީނީފޮތްތަކާއި، ދިވެހިބަހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ ޢުމުރުފުރައިގެ ކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތްތައް ހިމެނެއެވެ.
އެ ވުޒާރާއިން ބުނީ، އެ މައުރަޒުން ޖާގަ ދީފައިވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުންނެވެ. އެ މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ހިމެނިފައިވާކަން އެ ވުޒާރާއިން ފާހަގަ ކުރެއެވެ.