ޣައްޒާގައި ބަނޑަށް މަރުވި މީހުންގެ އަދަދު 300 އަށް
25 އޯގަސްޓު 2025 - 12:33

ކާނެ އެއްޗެއް ނުލިބި، ޣައްޒާގައި ބަނޑަށް މަރުވި މީހުންގެ އަދަދު 300 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކާނާ ނުލިބުމުގެ ސަބަބުން އިތުރު 11 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ.

Ad by Hajj Corporation
މި ހާލަތުގެ ސަބަބުން ޣައްޒާގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލުތަކަށް ދެއެވެ. އަދި ކާނާ ނުލިބި އެތައް ބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ.
ޣައްޒާގައި ހިންގަމުން ގެންދާ ގަތުުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 62،000 އަށް ވުރެ މައްޗަށް އަރައިފައެވެ.
ނިރުބަވެރިން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތި ނުލިބި އިތުރު 8 ކުއްޖަކު ބަނޑަށް މަރުވެފައިވާއިރު، އެ ސަރަހައްދުގައި ކުރިމަތިވެފައިވާ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ކަންމިހެން އޮތް އިރު، މެދުއިރުމަތީގައި ފުރަތަމަ ފަހަރަށް، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އދ. އިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އެގޮތުން އދ. އާ ގުޅިފައިވާ އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަންގެ މަޢުލޫމާތު ދައްކާ ގޮތުގައި 514،000 އަށްވުރެ ގިނަ މީހުން ނުރައްކާތެރި ބަނޑުހައިހޫނުކަމުގެ ހާލަތެއްގައިވާއިރު، ކުރިއަށް އޮތް ހަފްތާތަކުގައި މި އަދަދު އިތުރުވާނެ ކަމަށް އ.ދ އިން ވަނީ ލަފާކޮށްފައެވެ.