ނޫސްވެރިންތަކަކަށް އަމާޒުކޮށް ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
26 އޯގަސްޓު 2025 - 11:33

ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގައި ހުންނަ ނާސިރު ހަސްފަތާލަށް ޔަހޫދީން ޙަމަލާދީ ފަސް ނޫސްވެރިން ހިމެނޭ ގޮތަށް 20 މީހުން ޝަހީދުކޮށްލައިފިއެވެ.
ޔަހޫދީން ދިން ޙަމަލާގަައި ޝަހީދުވި ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާއާއި ރޮއިޓަރސްއާއި ދަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް މަސައްކަތްކޮށްދޭ ނޫސްވެރިން ހިމެނެއެވެ

Ad by Hajj Corporation
އެ ޙަމަލާއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ސުވާލުކުރުމުން އެއީ ހިނގި ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ބުނެފައިވެއެވެ. އެއީ ކޮން އިރަކު ހިނގި ކަމެއްތޯ ސުވާލުކުރައްވައި އެ ކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މި ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް އިތުރު ނޫސްވެރިންނާއި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ މަސައްކަތްތެރިން އެ ސަރަޙައްދަށް ޖަމާވުމުން ޔަހޫދީން ވަނީ އަނެއްކާ ވެސް ހަމަ އެ ސަރަޙައްދަށް ބޮން އަޅައިފައެވެ. ދެވަނަ ފަހަަރަށް ދިން ޙަމަލާގައި އޭޕީއަށް މަސައްކަތްކޮށްދޭ ނޫސްވެރިއެއްކަމަށްވާ މަރިޔަމް އަބޫ ދައްގާއާއި އަލްޖަޒީރާގެ ނޫސްވެެރިއެއް ކަމަށްވާ މުޙައްމަދު ސަލާމާއާއި އެކި ނޫސްތަކަށް މަސައްކަތްކޮށްދޭ މުއާޒް އަބޫ ޠާޙާއާއި އަޙްމަދު އަބޫ އަޒީޒް ވަނީ ޝަހީދުވެފައެވެ. ރޮއިޓަރސްއަށް މަސައްކަތްކޮށްދޭ ފޮޓޯގުރާފަރެއް ކަމަށްވާ ހާތިމް ޚާލިދަށް އެ ޙަމަލާގައި ޒަޚަމްވެފައިވެއެވެ.
ޙަމަލާއާ ގުޅިގެން ފަލަސްޠީނުގެ ސަރުކާރުން ވަނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައިފަައެވެ. އދގެ ސަލާމަތީ މަޖިލީހާއި އދން އެދެވޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ގޮވާލާފައިވެއެވެ.
ފަލަސްޠީނިއަން ޖާނަލިސްޓް ސިންޑިކޭޓުން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރިކޮށް، މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ޔަހޫދީން ފާޅުގައި ހަނގުރާމަކުރަމުންދާ ކަމަށް ބުނެފައެވެ. ޔަހޫދީންގެ މަޤްސަދަކީ ނޫސްވެރިންނަށް ދުއްތުރާކޮށް ގެއްލުން ދިނުން ކަމަށާއި އެއީ ނޫސްވެރިން އެ މީހުންގެ ޒިންމާ ޢަދާކޮށް ޔަހޫދީންގެ ޖަރީމާތައް ދުނިޔެއަށް ބުނެދިނުން ހުއްޓުވަން ޔަހޫދީން ކުރާ ކަމެއް ކަމަށް އެ ސިންޑިކޭޓުން ބުނެފައިވެއެވެ.