ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
25 އޯގަސްޓު 2025 - 14:01

ހދ. ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އޮނަރަބަލް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
1250 މީހުންގެ އާބާދީއެއް އޮންނަ ނެއްލައިދޫ އަކީ ލަނޑާ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ. މިހާރުވެސް މި ރަށުގައި މަސްވެރިކަން ކުރާ 50 އަށްވުރެ ގިނަ ޑިންގީ އޮވެއެވެ. ނަމަވެސް މި ހުރިހާ ޑިންގީތައް ބަނދަރުގައި އަޅާފައި އޮންނާތީ، ބަނދަރު ތޮއްޖެހި ލަފާފުރުމުގެ ދަތިތަކާ ވަރަށް ގިނައިން ދިމާވެއެވެ. މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ޑިންގީ އަޅާފައި ބާއްވާނެ ޕްލެޓްފޯމެއް ލިބި ޖާގައިގެ ދަތިކަމާއި ލަފާފުރުމުގެ ދަތިތަކަށް ހައްލު ލިބިގެން ދާނެއެވެ.
މި މަޝްރޫޢުގެ ދަށުން 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދޭނެއެވެ. މި މަޝްރޫޢަކީ 6.94 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށް މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ad by Hajj Corporation