ބޮޑުތަކުރުފާނު މަގުގެ 24 މީޓަރު ޝީޓް ފައިލްކުރުމުގެ މަސައްކަތް ނިމިއްޖެ
26 އޯގަސްޓު 2025 - 16:10
.jpeg&w=1920&q=75)
މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 24 ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ކުރެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން ދުވަސް ކުރިންނެވެ. މިއީ މާލޭ އުތުރުން ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ބައެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ 4 ލޭނަކަށެވެ. މިމަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.
މި މަސައްކަތުގެ ތެރެއިން ފުރަތަމަ ފެށީ ޝީޓްޕައިލް ކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން ބުނި ގޮތުގައި އެ މަސަައްކަތުގެ ތެރެެއިން ފުރަތަމަ ސެގްމެންޓުގެ ހިމެނޭ ފަޅުގެ ސަރަހައްދުގެ 24 މީޓަރު ޝީޓް ޕައިލްކުރުމުގެ މަސައްކަތްކޮށް، މިހާރު ކުރިއަށް ދަނީ އެ ސަރަހައްދުގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމަށްޓަކައި ކޮންކްރީޓް ޖެޓީ ތަޅާޅުމުގެ މަސައްކަތެވެ. މިމަޝްރޫއުގެ ދަށުން މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭނެހެން 4 ލޭނަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
މިމަޝްރޫޢާއެކު މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ މިސަރަހައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސް އަދި ވިޔަފާރިތަކާއި މާލޭ މަސްމާރުކެޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހުންނަ މިސަރަހައްދު ތަރައްގީވުމާއެކު ގިނަ ބަޔަކަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.