ގުޅިފަޅުން ގޯތި ލިބުނު 1200އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި
28 އޯގަސްޓު 2025 - 17:04

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 1,200އަށް ވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަން ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ބުނީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަންފެށި ފަހުން މިހާތަނަށް ޖުމްލަ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގައެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓްރީ ހޯދުމަށް ވަނީ ހުޅުވާލާފައެވެ.
ގުޅިފަޅު ލޭންޑްޔޫޒް ޕްލޭން ބަދަލުކުރުމަށް ނިންމާފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް، މިހާރު ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކަ އެވެ. މި ބަދަލާ ގުޅިގެން ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނެގުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގޯތި ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީއާ ޙަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.


