މުހައްމަދު ސިންވާރު ޝަހީދުކޮށްލައި، އަބޫ އުބައިދާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފި
31 އޯގަސްޓު 2025 - 07:17

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްގެ އަސްކަރީ ކޮމާންޑަރު އަދި ޝަހީދު ޔަހުޔާ ސިންވާރުގެ ކޮއްކޯފުޅު މުޙައްމަދު ސިންވާރު ޝަހީދުކޮށްލައި އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ އުބައިދާއަށް އަމާޒުކޮށް ޔަހޫދީން ހަމަލާތަކެއްދީފިއެވެ.
މުޙައްމަދު ސިންވާރު ހަމާސްގެ އަސްކަރީ ކޮމާންޑަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރު ބޭބޭފުޅު ޔަހުޔާ ސިންވާރު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

Ad by Hajj Corporation
މުޙައްދު ސިންވާރު ޝަހީދުކޮށްލުމާއެކު ދެން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އިއްޒުއްދީން ޙައްދާދް ކަމުގައި ބެލެވޭއިރު އިއްޒުއްދީނަކީ ޣައްޒާގެ އުތުރުގައި ޔަހޫދީންނަށް އަމާޒުކޮށް ހިންގަމުން އަންނަ އޮޕަރޭޝަނުގެ އިސް ކޮމާންޑަރުވެސްމެއެވެ.
މީގެ އިތުރުން ޔަހޫދީންވަނީ ޣައްޒާގެ ރިމާލް އަވަށަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއްދީ ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުކޮށްލުމަށް މަސައްކަތްކޮށްފައެވެ.
މިހަމަލާތަކުގައި އަބޫ އުބައިދާ ޝަހީދުވިކަން ނުވަތަ ނޫންކަން މިހާތަނަށް ހަމާސްއިން ކަށަވަރުކޮށްދީފައެއްނުވެއެވެ.
އަބޫ އުބައިދާއަކީ އޭނާ ދެއްވާ ތަގުރީރުތަކުގައި ޔަހޫދީންނަށް ވަރަށް ބޮޑަށް ފުރައްސާރަކުރައްވައި ޔަހޫދީންނާ ދެކޮޅަށް އުއްމަތް އެއްބައިވުމަށް ގޮވާލައްވާ ބޭފުޅެކެވެ. އަރަބި ދުނިޔޭގައި ބަތަލެއްގެ ގޮތުގައި ސިފަކުރާ އަބޫ އުބައިދާ ޝަހީދުކޮށްލުމަށް ޔަހޫދީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަބޫ އުބައިދާ އަބަދުވެސް މީޑިއާއަށް ފެންނަނީ ރަތްކުލައިގެ ކަފިއްޔާއަކުން މޫނު ނިވާކޮށްގެން ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތައް އޭނާގެ އަމަލުތައް ބަހައްޓަވަނީ ހަމާސްގެ ފިކުރު ފަލަސްތީނުގެ ފަސްގަނޑުގައި އިތުރަށް ދިރުވުމުގެ ބޭނުމުގައްޔާއި ޝަހީދުވެފައިވާ ހަމާސްގެ ލީޑަރުންގެ ޝަރަފަށްޓަކައެެވެ.
އެގޮތުން 1993 ވަނަ އަހަރު އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޙަމާސްގެ ފުރަތަމަ ކޮމާންޑަރުން ކަމަށްވާ ޔާސިރު އަލް-ނަމްރޫތީ އާއި ޢިމާދު ޢާކިލް ޝަހީދުވިއިރު އެބޭފުޅުންވެސް ވަނީ ރަތް ކަފިއްޔާއަކުން މޫނު ނިވާކުރެވިފައެވެ. މީގެ އިތުރުން ޙަމާސްގެ ހަތިޔާރުއެޅި ގޮފީގެ ކުރީގެ ވެރިޔާ މުޙައްމަދު ދެއިފް ޝަހީދުވުމުގެ ކުރިން އެންމެ ފަހުން އާއްމުކުރެއްވި ވީޑިއޯ މެސެޖުގައިވެސް ޝަހީދުންނަށް އިހުތިރާމު އަދާކޮށް ފަލަސްތީނުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް މި ކަފިއްޔާއިން މޫނު ނިވާކޮށްފައިވެއެވެ.