މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި
31 އޯގަސްޓު 2025 - 14:41

މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ބިދޭސިންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

Ad by Hajj Corporation
މި މައްސަލާގައި ހައްޔަރުކޮށްފާވަނީ ބަންގްލްދޭޝް އަށް ނިސްބަތްވާ 37 އަހަރުގެ 2 ފިރިހެނުންނެވެ. ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ހަމަނުޖެހުން ހިނގައިދިޔަ ވަގުތު އެ ސަރަހައްދުންކަމަށް ފުލުހުން މައުލުމާތު ދީފައިވެއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:50 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ހާދިސާގައި ބަންގްލަދޭޝް މީހަކު ހުއްދަނޫން ގޮތެއްގައި ހިފަހައްޓާ އޭނާއަށް އަނިޔާކޮށް ގިނަ އަދަދެއްގެ ފައިސާ އޭނާގެ އަތުން ހޯދާފައިވާކަމަށް ވެސް ފުލުހުން ބުނެފާވެއެވެ.
މި ދެމީހުންނަކީވެސް މި މައްސަލާގައި އަމަލީގޮތުން ބައިވެރިވެފައިވާ ދެ މީހުން ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.އަދި މި މައްސަލާގައި ހައްޔަރުކުރި ދެ ބިދޭސީންނަކީވެސް ޤަވައިދާ ޙިލާފަށް ރާއްޖޭގައި އުޅެމުންދާ ދެމީހުން ކަން ފާހަގަކުރެވެއެވެ.
މި ދެމީހުން ރަހީނުކުރި މީހާއަށް އެކިވަރުގެ އަނިޔާތަށް ދީފައިކަމަށް ފުލުހުންވަނީ ކޯޓުގައި ބުނެފައެވެ. ހަމަނުޖެހުން ހިނގި ވަގުތު ނަގާފައިވާ ފޮޓޯ އާއި އަނިޔާ ލިބުނު މީހާގެ ފޮޓޯ ފުލުހުން ވަނީ މި ދެ މީހުންނާ ދެކޮޅަށް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ.
ވުމާއެކު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރަން ނިންމާފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.