ދެމެޗުން ޓެންހާގް ގެ ފެންވަރު އެނގި، ކުލަބުން ބޭރުކޮށްލައިފި
1 ސެޕްޓެމްބަރު 2025 - 10:12

ޖަރުމަނުގެ ބުންޑެސްލީގާ ކްލަބް ބަޔަރ ލެވަކޫސަންއިން މިއަދު އެ ޓީމުގެ މެނޭޖަރު އެރިކް ޓެން ހާގް ވަކިކޮށްފިއެވެ. މި ސީޒަންގައި އޭނާ ކުޅުނު ދެ މެޗުން ހޯދީ އެއް ޑްރޯއާއި އެއް ބަލިއެވެ. މިވަގުތު ލެވަކޫސަން އޮތީ ލީގުގެ 12 ވަނައިގައެވެ.
ޓެން ހާގް ވަކިކުރި ކުރުމާއި ގުޅިގެން، ވަގުތީގޮތުން ޓީމުގެ ތަމްރީނުތައް ބަލަހައްޓާނީ އެސިސްޓެންޓް ކޯޗިންގ ސްޓާފުން ކަމަށް ކްލަބުން ބުނެފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ ވާޑަރ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުގައި، ވާދަވެރި ޓީމަށް 63 ވަނަ މިނެޓްގައި ރަތް ކާޑެއް ލިބުނު ނަމަވެސް، 3-3 އިން މެޗު ޑްރޯވުމާ ގުޅިގެންނެވެ. އެ މެޗުގެ ފަހުވަގުތު އަބްދުލް ކަރީމް ކޮލިބަލީ ވަނީ ލެވަކޫސަންއަށް އެއް ޕޮއިންޓް ސަލާމަތްކޮށްދީފައެވެ.

Ad by Hajj Corporation
ޑަޗް ކޯޗު ޓެން ހާގް ލެވަކޫސަންގެ ކޯޗަކަށް އައްޔަންކުރީ މިއަހަރުގެ މޭ މަހުއެވެ. އޭނާ ގެނައީ ރިއަލް މެޑްރިޑަށް ބަދަލުވި ޒާބީ އަލޮންސޯގެ ބަދަލުގައެވެ. މީގެ ދެއަހަރުކުރިން އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި ލެވަކޫސަން އިން އެރިކް ޓެންހާގް ގެ ސޮއި ހޯދީ އޭނާ ނެދަލޭންޑްގައި ހޯދި ކާމިޔާބީތަކަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.
މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރި ދެއަހަރާއި ހަ މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ދެ ޑޮމެސްޓިކް މުބާރާތެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ލީގުގެ 9 މެޗުން 4 މެޗު ބަލިވެ، ކްލަބުގެ ތާރީހުގައި އެންމެ ގޯސް ފެށުމެއް ފެށުމާ ގުޅިގެން އޭނާ ވަނީ ކޯޗުކަމުން ވަކިކޮށްފައެވެ.
އޭގެ ކުރިން އަޔަކްސްގައި އޭނާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ނެދަލޭންޑްސްގެ އެންމެ ބޮޑު ކްލަބާއެކު ތިން އެރެޑިވިސީ ޗެމްޕިއަންކަން ހޯދައި، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް ގޮސްފައިވެއެވެ.