ޕެންޝަން އޮފީހަށް މެނޭޖަރަކު ހޯދަނީ
26 ސެޕްޓެމްބަރު 2024 - 05:36
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް މެނޭޖަރަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ އިދާރާ އިން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަަތު އަންނަ މަހުގެ 6 އާ ހަމަށް ހުޅުވާލާފައިވާ ކަަމަށެވެ.
މެނޭޖަރުގެ މަގާމުގެ ޝަރުތަކުތަކުގެ ތެރޭގައި އެކައުންޓިން، ފައިނޭންސް ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާއިން ބެޗެލާސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ ޕްރޮފެޝަނަލް އެކައުންޓިން ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އެ 4 އަހަރުގެ ތެރެއިން ދެ އަހަރު މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން ނުވަތަ އެކައުންޓިން ފައިނޭންސް ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރޝިޕް ޙާޞިލްކޮށްފައިވުން ހިމެނެ އެވެ.
މި މަގާމުގެ މަސްއޫލިއްޔަތުތައް މި އިއުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިއުލާނާއެކު ޝާއިއުކުރެވިފައިވާނެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް 6 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ އަންގާފައެވެ.
މެނޭޖަރުގެ މުސާރަ އަކީ އިނާޔަތްތަކާއެކު މަހަކު 30،000 ރުފިޔާއެވެ.
މި މަގާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 7 އޮކްޓޫބަރު 2024 އާއި 20 އޮކްޓޫބަރު 2024 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. މަގާމަށް މީހަކު ހޮވުމުގައި އެކައުންޓިންގ، ފައިނޭންސް ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ) ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވާ ނުވަތަ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރޝިޕް ހާސިލްކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.