ބިދޭސީން ރެގިއުލޭޓުކުރުމަށް މާސް ޕްރޮގްރާމެއް ފަށަނީ
3 ސެޕްޓެމްބަރު 2025 - 09:30

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލޭޓްކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

Ad by Hajj Corporation
ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން އެމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީން ޤަވައިދަށް ފެއްތުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ބިދޭސީން ރެގިއުލޭޓް ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ޕްރޮގްރާމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ، އެއި ކޮންމެ ހާލަތެއްގައި ހުރި މީހެއްކަމުގައި ވިޔަސް، މިސާލެއްގެ ގޮތުން އެ މީހާއަކީ ޑޮކިއުމެންޓްތައް ހަމައަށް ނެތް މީހަކަސް ނުވަތަ ފިލައިގެން އުޅޭ މީހަކަށްވިޔަސް އަދި އެ ނޫންވެސް ހާލަތެއްގައި ހުރި މީހަކަސް އެ ފަރާތަކަށް ލިބިގެންދާނެ ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު. ކުރިއަށް އޮތްތަނުގަ ލިބިގެންދާނެ. މި ވަގުތުގަ އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން މި ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފަން. ފުރަތަމަ ފޭސްގަ އެއްކުރެވުނު މައުލޫމާތުގައި އަޅުގަނޑުމެންނަށް ދެނެގަނެވުނު ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ ފަރާތްތަކެއް މިހާރުވެސް ރާއްޖޭގައި މަސައްކަތް ކުރަމުންދާކަން. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު އިބްރާހީމް
ޤަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ސްޓޭޓް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. އަދި މިކަމަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ދަށުން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 2ވަނަ ދުވަހުއެވެ.
ކުރަނގީގެ ނަމުގައި ހިންގާ މި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރަށް ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިކަން ވެސް ފިލާނެ ކަމަށް ގަބޫލުކުރެއެވެ.