ނޭޕާލްގެ ޙާލަތު ރަނގަޅު ވަންދެން އެގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި
9 ސެޕްޓެމްބަރު 2025 - 15:48

ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ނޭޕާލުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ހާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ގައުމުގެ މަޝްރަހު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި ހާރިޖީ ވުޒާރާއިންދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.

Ad by Hajj Corporation
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން، ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.
ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ވުޒާރާއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ހާރިޖީ ވުޒާރާއިން ބުނެއެވެ. އަދި ނޭޕާލުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް އެ ވުޒާރާއިން އެރުވިއެވެ.
ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށްވެސް ހާރިޖީ ވުޒާރާއިން ބުނެއެވެ. އަދި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 919910040786+ ނުވަތަ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ހާރިޖީ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.