ފީއަލީ ހޮސްޕިޓަލުގެ މަސައްކަތް ފެށީ މި ވެރިކަމުގައި، އެމްޑީޕީ ވެރިކަމަކު ނޫން: ވަޒީރު ހަލީލް
13 ސެޕްޓެމްބަރު 2025 - 06:58

ފ. ފީއަލީގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ މަސައްކަތް ފެށީ މި ވެރިކަމުގައި ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ނޫން ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފީއަލީ ހޮސްޕިޓަލް މަޝްރޫއާ ގުޅޭގޮތުން ކުރެއްވި އެކްސަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation
އެމްޑީޕީގެ ވެރިކަމުގައި، ހޮސްޕިޓަލް އިމާރާތްކުރަން ހަމަޖެހުނު ބިންވެސް ސާފުކުރެވިފައި ނުވާ ކަމަށް ހަލީލު ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ މި ސަރުކާރުން އެ މަޝްރޫއު ހުއްޓާލައި، އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތް ބޭކާރުކޮށްލާފައިވާ ކަމަށެވެ.
ހަލީލު ކުރެއްވި އެކްސްގައި ވިދާޅުވީ، ފީއަލީ ހޮސްޕިޓަލުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިގެން އެމްޑީޕީން އިތުރުފުޅު ހައްދަވާކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮޖެކްޓުގެ މަސައްކަތް އެމްޑީޕީ އިއުލާނު ކުރީ ރިޔާސީ އިންތިހާބުގައި ފީއަލީގެ ވޯޓު ހޯދުމަށް ކަމަށެވެ. އަދި އެ މަޝްރޫއަކީ އެމްޑީޕީ ސަރުކާރުން އިއުލާންކުރި މަޝްރޫއެއް ނަމަވެސް ބިން ސާފުކޮށް އަމަލީ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.
ވަޒީރު ވިދާޅުވީ އެމްޑީޕީން ވޯޓު ހޯދުމުގެ ބޭނުމުގައި މިކަހަލަ އެތައް ހުސް ވައުދުތަކެއް ވަނީ ރައްޔިތުންނަށް ވެފައި ކަމަށެވެ. އެއީ އެ ޕާޓީން ވެރިކަމުގެ ދަހިވެތިކަމުގައި އަދި ވެސް ހަދަމުންދަނީ ދޮގު ވާހަކަތައް ކަމަށް ހަލީލް ވިދާޅުވިއެވެ.
ޝާހިދު ވަނީ ފީއަލީ ހޮސްޕިޓަލް މަޝްރޫއު ކުރިޔަށްދާ ސައިޓަށް ޒިޔާރަތްކޮށްފައެވެ. ޝާހިދު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި މަޑު ދުވެލީގައި މަޝްރޫއުތައް ހިންގައި، ބައެއް މަޝްރޫއުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަސައްކަތް ކުރިޔަށް ނުގެންގޮސް މަޑުޖެހިފައިވާ ގިނަ މަޝްރޫއުތައް ހުއްޓެވެ. މިފަދަ މަޝްރޫއުތައް މި ސަރުކާރުން ވަނީ އަލުން ފަށައި ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސްފައެވެ.