logo
Bank of Maldives

Bank of Maldives

ޚަބަރު

ތައުލީމީ ސެޓްފިކެޓުތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެމްކިއުއޭއިން

އައިމިނަތު މޫސާ
11 ސެޕްޓެމްބަރު 2025 - 06:49
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ސެޓްފިކެޓްތަކުގައި ހަމައެކަނި އެތަނުން އެޓެސްޓުކުރާ ނުވަތަ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާގޮތަށް އުސޫލެއް އެކުލަވާލައިފި އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސެޓްފިކެޓްތަކުގައި އެމްކިޔުއޭއިން ޖަހައިދެމުންއައި "ރިކޮގްނިޝަން" ތައްގަނޑު 2016 ވަނަ އަހަރުން ފެށިގެން ޖެހުން ވަނީ ހުއްޓާލައިފައެވެ. ވަގު ސެޓްފިކެޓް ހުށަހަޅާ މައްސަލަ މި ފަހުން ބޮޑުވެފައިވާއިރު، އެ ފަދަ މައްސަލަތަކެއް ފުލުހުން މިހާރު ވެސް ދަނީ ބަލަމުންނެވެ. އެމްކިއުއޭއިން ވަރަށް ފަހުން ބުނިގޮތުގައި  ސައްހަ ނޫން ބެޗްލާސް ޑިގްރީ އާއި ދެ މާސްޓާސް ޑިގްރީ ސެޓްފިކެޓް ހުށަހެޅި މީހެއްގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާ އުސޫލުގެ މަގުސަދެއް ކަމަށް އެމްކިޔުއޭއިން ބުނަނީ، އެ އޮތޯރިޓީން ދޫކޮށްފައިވާ އެކި ލިޔުންތަކުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި އެ އޮޓޯރިޓީން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އިޖުރާއަތްތައް އެކުވަލާލުން ކަމަށެވެ.

އޭގެއިތުރަށް، އެ އޮޓޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔުންތަކުގެ ކޮޕީ އެހެން ފަރާތްތަކަށް ހުށަހެޅުމުގައި އެ ލިޔުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

އެމްކިއުއޭއިން ތައްގަނޑު ޖަހައިދޭ ލިޔުމުގެ މަތީގައި 'އަސްލާ އެއްގޮތް ކޮޕީ' ނުވަތަ 'އެޓެންސޭޝަން' ލިޔެފައި އޮންނައިރު، މިހާރު މިފަދަ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ގާނޫނީ ވަކީލުން މެދުވެރިކޮށް ޖަހައެވެ.

ނަމަވެސް، މި އުސޫލާ އެކު، އެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހަން ހުށަހަޅަން ޖެހެނީ އެމްކިއުއޭއަށެވެ. ފޯމު ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ތައްގަނޑު ޖަހައިދެއެވެ.

އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ، ވެލިޑޭޓުކޮށްދޭ ސަނަދުތަކުގެ ކޮޕީއާއި އެސެސްމަންޓު ރިޕޯޓު ކޮޕީއާއި ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް ލިޔުމުގެ ކޮޕީއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދު ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ އިތުރަށް އެމްކިއުއޭއިން ދޫކުރާ އެހެނިހެން ލިޔުންތަކުގެ ކޮޕީގައެވެ.

އެ ސަނަދުތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހަައިދިނުމަށް އެމްކިއުއޭއިން ފީއެއް ނަގާނެއެވެ. އެގޮތުން، ވެލިޑޭޓުކޮށްދޭ ސަނަދާއި އެސެސްމަންޓް ރިޕޯޓާއި އިންޓެންޑެޑް ލެޓާގެ ކޮޕީގެ ކޮންމެ ސަފުހާއަކަށް 10 ރުފިޔާގެ ފީއެއް ނަގައެވެ. އަދި، ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ ކޮންމެ ސަފުހާއަކަށް ނަގާނީ 20 ރުފިޔާ ކަމަށް އުސޫލުގައިވެއެވެ.

 ފަންނުގެ ގާނޫނުގެ ދަށުން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ ގަވައިދެއް ބާ ކޮމިޝަނުން ވެސް ވަނީ އެކުލަވާލާފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެހެން ގާނޫނަކުން ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ޖެހުމުގެ މަސައްކަތް ކުރެވޭނީ ގާނޫނީ ވަކީލުންނަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައުލީމީ ސެޓްފިކެޓުތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެމްކިއުއޭއިންޚަބަރު | 10 މަސް ކުރިންލަންކާގެ ބައެއް މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން އިލްތިމާސްކޮށްފިޚަބަރު | އަހަރެއް ކުރިން