އުޞޫލާ ޚިލާފަށް ބޭނުންކުރާތީ މީޑިއާ ފެންޑާ އުވާލައިފި
14 ސެޕްޓެމްބަރު 2025 - 13:34

އުޞޫލާ ޚިލާފަށް ބޭނުންކުރާތީ ރައީސުލްޖުމްހޫރިއްޔާ އޮފީސް ކުރިމަތީގައި ހުޅުވި މީޑިއާ ފެންޑާ އުވާލައިފިއެވެ.
"މީޑިއާ ފެންޑާ" އަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ގޮތުގައި، 29 މެއި 2025 ގައި ޤާއިމުކޮށްފައިވާ ތަނެކެވެ.

Ad by Hajj Corporation
ރައީސް އޮފީހުން ބުނީ "މީޑިއާ ފެންޑާ" ބޭނުންކުރުމުގައި ޢަމަލު ކުރަންވީ އުޞޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާއްމުކޮށްފައިވާނެކަމަށާއި އަދި މި އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުކުރުމުގެ ރަސްމީ ހުއްދަވެސް ވާނީ ދޫކޮށްފައިކަމަށެވެ.
ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ދަނީ ކުރަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި ޢާއްމު މަޞްލަޙަތު ގެއްލޭ، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަންވެސް އެ އޮފީހުންވަނީ ހާމަކޮށްފައެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމަށް ވުމުން މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހައި ދުވަހުވެސް ހިފަމުން ނުގެންދާތީ، މި ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލާފައިވާކަން ރައީސް އޮފީހުން ވަނީ އަންގާފައެވެ.