ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން މަޝްވަރާކޮށްފި
15 ސެޕްޓެމްބަރު 2025 - 04:32

ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ފުލުހުންގެ އިސްވެރިންނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއީލް ނަވީން އާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

Ad by Hajj Corporation
ފުލުހުން ބުނީ ކޮމިޝަނަރ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ބައިވެރިވެލެއްވިކަމަށެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒް އަމްޖަދު މުސްޠަފާއާއި، ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ޙުސައިންއާއި އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށާއި އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރެއްވިކަމަށް ފުލުހުން މައުލޫމާތުދެއެވެ.