ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާވެސް ބާއްވަނީ
15 ސެޕްޓެމްބަރު 2025 - 10:00

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މާދަމާވެސް ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިންބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް މާދަމާވެސް ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. ދެވަނަ ދައުރު ފެށިފައިވަނީ 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.
މެމްބަރުންގެ ޗުއްޓީއަށް ފަހު ތިން ވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.
ދައުރުން ބޭރުން މިއަދުވެސް ދެ ޖަލްސާއެއް ބާއްވާފައިވާއިރު މި ޖަލްސާގައި އެޗްއާރުސީއެމްގެ ނައިބު ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވެވި ބޭފުޅުންނަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުނެގުމާ ގުޅޭ ބިލު ވަނީ ފާސްކޮށްފައެވެ.