logo
Bank of Maldives

Bank of Maldives

ޚަބަރު

މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަނީ

އާމިނަތު ޝަފާ
18 ސެޕްޓެމްބަރު 2025 - 08:15
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ

މީޑިއާ ބިލާ ދެކޮޅުހެދުމަށް މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ހަދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްނުކުރުމަށް ގޮވާލައި މަޖިލިސް ދޮށުގައި ކުރި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރިމަކަށާއި ކެމެރާ ފަދަ ތަކެއްޗަށް ގެއްލުންދިންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނި ހަބަރު ފަތުރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ފުލުހުން ބުނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރެވުނުކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2013/01) ގެ 24 ވަނަ މާއްދާގެ ދަށުން، ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިފަދަ ހުއްދައެއް ދީފައި ނުވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2013/01 ގެ 24 ވަނަ މާއްދާގެ (ނ) އިންވެސް އެއްވުން މަނާ ސަރަހައްދަކަށްވާތީއާއި އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު، 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއްކަމަށް ފުލުހުން ބުނެއވެެ.

"އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށެވެ." ފުލުހުންގެ ހިދުމަތް

ފުލުހުން ބުނީ މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމަށާއި އެހެންކަމުން، އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެކަމަށެވެ.

ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަމަށް ފުލުހުން ބުނެއެވެ.

"މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ." ފުލުހުންގެ ހިދުމަތް

މުޒާހަރާ ރޫޅައިލީ މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ފުލުހުން ބުނެއެވެ.

އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަމަށާއި އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންކަމަށް ފުލުހުން ބުނެއެެވެ.

ހަމަ މިއާއެކު، ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކަކީ ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހިމެނޭގޮތުން، އެންމެހައި ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. މީގެއިތުރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ." ފުލުހުންގެ ހިދުމަތް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ، 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުންނެވެ. މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ފުލުހުން ހާމަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަނީޚަބަރު | 2 ގަޑިއިރު ކުރިންމަގުމަތީގެ ރައްކާތެރިކަން ހަނދާންކޮށް ދިނުމަށް ހަރަކާތެއް ފަށައިފިޚަބަރު | 6 ގަޑިއިރު ކުރިންފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންއެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފިޚަބަރު | ދުވަހެއް ކުރިން