އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި
17 ސެޕްޓެމްބަރު 2025 - 10:46

ދިވެހިރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި 2025 މާރިޗު 17ގައި ގާއިމުކުރެވުނު އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާ މި ސެންޓަރުން، އާންމު ރައްޔިތުން ސްކޭމުން ރައްކާތެރިކުރުމަށާއި، ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް މެދުކެނޑުމެއް ނެތި އެ މަސައްކަތް ކުރަމުންދާކަން ފުލުހުން ފާހަގަކުރައްވައެވެ.

Ad by Hajj Corporation
އެންޓި-ސްކޭމް ސެންޓަރަކީ ސްކޭމްގެ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒުގެ ގޮތުގައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ޑިޕާޓްމަންޓެކެވެ. ހާއްސަ ހޮޓްލައިން ނަންބަރު އަދި އީމެއިލް މެދުވެރިކޮށް މައްސަލަ ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރެވި އަދި މައްސަލަތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. މީގެ އިތުރުން ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ގުޅިގެން ކުރެވޭ މި މަސައްކަތުގެ ސަބަބުން، ސްކޭމަރުންނާއި މަނީ މިއުލްގެ ގޮތުގައި ފައިސާ ދައުރުކުރުމުގައި އެހީތެރިވެދޭ ފަރާތްތައް ހޯދައި ދައުވާކުރުމުގެ އިތުރުން، މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކާ ގުޅިގެން ކުރިއަށް ގެންދެވިފައިވެއެވެ.
އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ސްކޭމާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދިފައެވެ. ސްކޭމްގެ ވައްޓަފާޅި ނުވަތަ ސްކޭމަރުން ގެންގުޅޭ އުކުޅުތައް އަބަދުވެސް ބަދަލުވަމުންދާކަން ދެނެގަނެ، ޒަމާނާ ގުޅިގެން އުފަންވަމުން އަންނަ ކަންކަމަށް ވިސްނުންތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވިފައިވާކަމަށް ތަަފާސްހިސާބު ތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލައެވެ. އެގޮތުން އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވެއެވެ.ސްކޭމް ހުއްޓުވުމަށް ކުރިމަގުގައި އަމާޒުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި، ނާޒުކު ޑިމޮގްރަފިކްތަކަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ކުރިއަށް ގެންދިއުމާއި، މަކަރުވެރި ފޯނު ކޯލުތަކާއި އެސްއެމްއެސްތައް ބްލޮކްކުރުމަށް ނެޓްވޯކް ލެވެލްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކާއެކު މަސައްކަތްކުރުމާއި، ސްކޭމާ ގުޅުންހުރި ކޮންޓެންޓާއި އެކައުންޓްތައް އަވަހަށް ނައްތައިލުމަށް އޮންލައިން ޕްލެޓްފޯމްތަކާއެކު މަސައްކަތް ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ސްކޭމާ ދެކޮޅަށް މަސައްކަތްކުރުމާއި ނާޖާއިޒު ފައިދާ ހިފެހެއްޓުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ގާނޫނާއި ގަވާއިދުތަކުގެ އިސްލާހުތައް ހުށަހެޅުން ވެސް ރޭވިފައިވެއެވެ.
ސްކޭމް ހުއްޓުވުމަށް ކުރިމަގުގައި އަމާޒުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި، ނާޒުކު ޑިމޮގްރަފިކްތަކަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ކުރިއަށް ގެންދިއުމާއި، މަކަރުވެރި ފޯނު ކޯލުތަކާއި އެސްއެމްއެސްތައް ބްލޮކްކުރުމަށް ނެޓްވޯކް ލެވެލްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކާއެކު މަސައްކަތްކުރުމާއި، ސްކޭމާ ގުޅުންހުރި ކޮންޓެންޓާއި އެކައުންޓްތައް އަވަހަށް ނައްތައިލުމަށް އޮންލައިން ޕްލެޓްފޯމްތަކާއެކު މަސައްކަތް ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ސްކޭމާ ދެކޮޅަށް މަސައްކަތްކުރުމާއި ނާޖާއިޒު ފައިދާ ހިފެހެއްޓުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ގާނޫނާއި ގަވާއިދުތަކުގެ އިސްލާހުތައް ހުށަހެޅުން ވެސް ރޭވިފައިވެއެވެ.
ސްކޭމަރުންގެ ސަބަބުން ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއަށް މާލީގޮތުން ލިބެމުންދާ ގެއްލުންތައް ނައްތާލައި ރައްކާތެރިކަން ދެމެހެއްޓުމަށާއި އެންމެހައި ރައްޔިތުންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް އުފެއްދުމަށް ހުރިހާ ވަގުތެއްގައި ވެސް އެންޓި-ސްކޭމް ސެންޓަރުން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ސެންޓަރުން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.