ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
17 ސެޕްޓެމްބަރު 2025 - 06:49

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަފިޤުލް އިސްލާމް ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށެވެ. މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ ޔޫއެސްޑޮަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.