ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޕާކްކުރާ އުޅަނދުތައް ޓޯ ކުރަނީ
15 ސެޕްޓެމްބަރު 2025 - 10:10

މާލެ ސިޓީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ މާލެ ސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ކަފިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

Ad by Hajj Corporation
މާލޭގެ މަގުތަކުގައި ޕާކު ކުރުމުގެ މައްސަލަ ހައްލު ކުރުމަށް އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.
މާލޭގައި ޕާކިންގެ މައްސަލައަކީ މިހާރު ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމުން ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުމަތީގައި މަގުމަތީގައި ގިނަ ދުވަސްވެ، ބޭނުން ނުކުރާ އުޅަނދުތައް ވެސް ފުލުހުން އަންނަނީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ނަގަމުންނެވެ. އެހެން ނަމަވެސް މާލޭގެ މަގުތަކަށް އުޅަނދުތައް އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންދާއިރު، އަދިވެސް އެދެވޭ ވަރުގެ ހައްލެއް ލިބިފައެއް ނުވެއެވެ.