މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އުފައްދަވައިފި
19 ސެޕްޓެމްބަރު 2025 - 04:28
.jpg&w=3840&q=75)
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތަޞްދީޤުކުރައްވާފައެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް އިއްޔެއިން ފެށިގެންވަނީ ޢަމަލުކުރަން ފަށައިފައެވެ.

Ad by Hajj Corporation
މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
ޤާނޫނުގައިވާ ގޮތުގެ މަތީން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.