އެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން "އުޅަނދު ޖަރނަލް" ލޯންޗުކޮށްފި
22 ސެޕްޓެމްބަރު 2025 - 11:29

މެރިޓައިމް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޝާއިރުކުރާ ކޯޕަރޭޓް މަޖައްލާ ކަމަށްވާ "އުޅަނދު ޖާރނަލް"ގެ ފުރަތަމަ އަދަދު ލޯންޗުކޮށްފިއެވެ.
އެ މަޖައްލާ ލޯންޗްކުރީ އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ މަޖައްލާ ލޯންޗު ކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ކަމާލުއްދީނެވެ.

Ad by Hajj Corporation
އެ މަޖައްލާގައި، އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން، މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއާއި ގުޅުންހުރި ސަރުކާރުގެ އެކި މުއައްސަސާތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އާޓިކަލްތައް ވަނީ ޝާއިރުކޮށްފައެވެ.
އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ (އެމްއެސްއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް މެނޭޖްމަންޓް ސުޕްރިޓެންޑަންޓް، ފާތިމަތު ޝިފްޒާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ހެޑް، ކެޕްޓަން މުޙައްމަދު ޒައިދާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، ހުސެއިން ފިރާޒް އަދި ކޯސްޓް ގާޑްގެ ޓްރެއިނިން އެންޑް ރިސާޗް ޑިވެލޮޕްމަންޓްގެ ޑިރެކްޓާ، ލެފްޓިނެންޓް ކާނަލް އަހްމަދު ސިޔާމްގެ ލިޔުންތައް ވަނީ މި ފަހަރުގެ "އުޅަނދު ޖާނަލް"ގައި ޝާއިއުކޮށްފައެވެ.
"އުޅަނދު ޖަރނަލް"ގެ ފުރަތަމަ އެޑިޝަންގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި މެރިޓައިމްގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ފަރާތްތަކާ ގުޅޭ ފީޗާއަކާއި، އެމްޕީއެލްގެ ތާރީހާއި ތަރައްގީ، ސީ-ޓު-އެއަރ ޓްރާންސިޕްމަންޓް ކާގޯގެ ހިދުމަތް، ރާއްޖޭގެ މެރިޓައިމް ދާއިރާއަށް ލިބެމުންދާ ކުރިއެރުންތައް، ތިލަފުށި ޕޯޓްް މަޝްރޫއު، ޕޯޓް އޮޕަރޭޝަންސް، ޓެކްނޮލޮޖީ އަދި މެރިޓައިމް ދާއިރާގައި ހުރި ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ރިޕޯޓްތައް ހިމެނެއެވެ.