ގަވައިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
23 ސެޕްޓެމްބަރު 2025 - 16:18

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން މި ރެއިޑް ކުރިއަށް ގެންދިޔައީ ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ.

Ad by Hajj Corporation
އަދި މިއަދު ކުރިއަށް ގެންދިޔަ ބޮޑު ރެއިޑް އޮޕަރޭޝަނުގައި ޓާސްކް ފޯސްއިން 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކު ކުރި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި ރެއިޑުގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާއި ހިއްސާކުރެވިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކި ކަންކޮޅުތަކުގައި މި އޮޕަރޭޝަނެއް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވިޔަފާރިތައް ހިންގާ ބިދޭސީން ޑީޕޯޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން 178،982 ބިދޭސީންގެ މައުލޫމާތު ނަގައި 8،609 މީހުން މިހާތަނަށް އައިއިރު ވަނީ ޑީޕޯޓުކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.