ހިރިލަންދޫގައި ކޯލްޑްސްޓޯރޭޖް ޕްރޮޖެކްޓު ގެ މަސައްކަތް އަންނަ އަހަރު ކުރީ ކޮޅުފެށިގެންދާނެ: ރައީސް
24 ސެޕްޓެމްބަރު 2025 - 10:51

ހިރިލަންދޫގައި ކޯލްޑްސްޓޯރޭޖް ޕްރޮޖެކްޓު ގެ މަސައްކަތް އަންނަ އަހަރު ކުރީ ކޮޅުފެށިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ތ. އަތޮޅު ހިރިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ހިރިލަންދޫ އަކީ މަސްވެރިކަމާއި، މަހާ ގުޅުން ހުރި އެކި ކަހަލަ މަސައްކަތް ކުރުމަަކީ އެ ރަށުގެ ހާއްސަ ކަމެއް ކަމުގައި ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހިރިލަންދޫ އަކީ އިންޑަސްޓްރިއަލް މަސަކަތަށް ހާއްސަ ރަށެއް ކަމަށާއި، އެގޮތުން ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް އެކަމަށް ދެއްވާ ކަމަށެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް ޕޮރޮޖެކްޓް ކުރިޔަށް ގެންދިއުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރަމުން ދާ މި އަންނަ އަހަރު ބަޖެޓުގައި އެ މަޝްރޫއު ހިމަނާފައިވާނޭ ކަމަށެވެ.
" ބަޖެޓު ފާސްވެގެން އައުމާ އެކީގަ އެންމެ ކުރީކޮޅު އަހަރުގެ އެންމެ ކުރީ ކޮޅު ޖެނުވަރީ މަސް ހިސާބުގަ އަޅުގަނޑުމެން އެ މަޝްރޫއުގެ މަސައްކަތް ފަށާނަން، އިރާދު ކުރެއްވިއްޔާ އެގޮތުގަ ފަށާ ވަރަށް ހަލުވި މިނުގަ ކުރިޔަށް ގެންގޮސް ނިންމަދޭނަން": ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މި ޕްރޮޖެކްޓަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރެއިން ވައުދުފުޅެކެވެ. އެގޮތުން އެ ސްޓޯރޭޖްގެ ބޭނުންޖެހިފައި ތިބި އެންމެނަށް އަވަސް މުއްދަތެއްގެ ތެރޭ އެ މަޝްރޫއު ނިމި ބޭނުން ކުރެވޭނެ ކަމުގެ ޔަގީން ކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.