ބީއެމްއެލް އާއި އެމެކްސްއިން ފަތުރުވެރިކަމުގެ ކެމްޕޭނެއް ފަށައިފި
27 ސެޕްޓެމްބަރު 2025 - 17:06
ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން, އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން "އެކްސްޕީރިއެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.

Ad by Hajj Corporation
ބީއެލްއެލް އިން ބިނީ، ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ކެމްޕޭނުން، ރާއްޖޭއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވިގެންދާނެ ކަމަށެވެ.
2017 ވަނަ އަހަރާއި، 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ހިންގި 'އެކްޕީރިއެންސް މޯލްޑިވްސް" ކެމްޕޭނުތަކުގެ ކާމިޔާބީއަށް ފަހު، މިއީ މި ކެމްޕޭން ބާއްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ހިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައި ވެއެވެ.


