ވީއެމްސީގެ ޓޫރިޒަމް ސިމްޕޯޒިއަމް އަންނަ މަހު ބާއްވަން ނިންމައިފި
29 ސެޕްޓެމްބަރު 2025 - 06:45

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިންތިޒާމްކުރާ "ޓޫރިޒަމް ސިމްޕޯޒިއަމް 2025" އަންނަ މަހު 1 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
"ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް"ގެ ނަމުގައި ބާއްވާ މި ސިމްޕޯޒިއަމް އަކީ، 2026 ވަނަ އަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށްް އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް، ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި، މަސައްކަތްތެރީންނާއި މީޑިއާގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

Ad by Hajj Corporation
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އެއްބާރުލުމާ އެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބާއްވާ، ޓޫރިޒަމް ސިމްޕޯޒިއަމް 2025 ގައި ބައިވެރިންގެ މެދުގައި ހަރުދަނާ ހިޔާލުތައް ބަދަލުކުރެވި، ގުޅުން ވަރުގަދަކުރުމަށްޓަކައި ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ވަނީ ނިންމާފައެވެ.
އޭގެތެރޭގައި، ބިނާކުރަނިވި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ސިމްޕޯޒިއަމްގެ ތެރެއިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން 2026 ވަނަ އަހަރަށް އެކުލަވައިލާފައިވާ ޑެސްޓިނޭޝަން މާކެޓިންގ ޕްލޭން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލޭންގެ ތެރެއިން "އޯޝަން ނޭޝަން" ސްޓްރެޓަޖީގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހާމަކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންނާއެކު ލަގްޒަރީ ޓޫރިޒަމް، ސުޕަރ ޔޮޓް، ބޯޓިންގ ޓޫރިޒަމް، ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމް ފަދަ ހާއްސަ ފަތުރުވެރިކަމުގެ ބައިތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުސަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ބޭއްވުމަށާއި، އިންޑިއާ، ޗައިނާ، ރަޝިޔާ، ޖަރުމަން، ޔޫކޭ، އިޓަލީ، މެދުއިރުމަތި، އެމެރިކާ އަދި ފްރާންސް ފަދަ ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުން ވެސް މި ވޯކް ޝޮޕްގައި ކުރިއަށް ދާނެއެވެ.
ސިމްޕޯޒިއަމް ނިންމާލާނީ ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހުގައި ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މި ސިމްޕޯޒިއަމްގެ އަލީގައި، 2026 ވަނަ އަހަރަށް މާކެޓިން ބްލޫޕްރިންޓެއް އެކުލަވާލުމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމް ސިމްޕޯޒިއަމް 2025 އަކީ ރާއްޖެ އިސްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރުމަށް، ހިއްސާދާރުންގެ ބައިވެރިވުން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމާއި، އީޖާދީ ގޮތްތައް ހޯދައި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ.