37 ވަނަ ގައުމީ މުބާރާތުގެ ނަތީޖާފާޅުކުރުން މިމަހު 12 ގައި
1 އޮކްޓޯބަރު 2025 - 10:54

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހު ބާއްވަން ނިންމައިފިއެވެ.
އެގޮތުން ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 ގައި އިސްލާމީ މަރުކަޒުގައެވެ.

Ad by Hajj Corporation
މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.
އަދި މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ނިންމަވާފައިވެއެވެ.
މީގެ އިތުރުން މުބާރާތުގެ ހުރިހާ ވަނަތަކަށް ވުޒާރާއިން އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަމަށާއި އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެކަމަށް ރައީސް ވިދާޅުވެފައިވެއެެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން މިހާރު ނިމިފައިވާއިރު މުބާރާތުގައި 1023 ބައިވެރިން ކިޔަވާފައިވެއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމާއި، ޙާފިޡުންގެ ޢަދަދު އިތުރުކޮށް ޙާފިޡުންގެ އަގުވަޒަން ކުރުމަކީ މި ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން ގެންދާކަމެކެވެ. އެގޮތުން ޙާފިޡުންނަށް އިނާޔަތުގެ ގޮތުގައި ދެމުންދާ އަދަދު ދެގުނައަށް ބޮޑުކޮށް 4000 ރުފިޔާ ދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.