ބޭނުމީ މި މުރާލިކަމާއި އޯގާތެރިކަން، ގަދަ ކަނޑުގައި، ބާރު އަވީގައި، ބޯވާރޭގައި ވެސް ޚިދުމަތުގައި

17 އޮކްޓޯބަރު 2025 - 10:13
ރާޅުގެ ހުދު ފޮނުން ކެކިއަރަމުން އައި ގަދަ ކަނޑުގައި ވެހެމުން ދިޔަ ބޯ ވާރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަތުރުކުރަށްވަމުން ގެންދެވި ލޯންޗުކޮޅު ށ.އަތޮޅުގެ މާ އުނގޫދޫ އާއި ގާތް ވަމުން އަންނަ މަންޒަރު ރައީސަށް މަރުޙަބާ ކިޔުމަށް އެ ވާރޭގައި ނުކުމެ ތިބި ރައްޔިތުންނަށް ފެންނަމުން ދިޔައެވެ. އެމަންޒަރަކީ އެތައް ވާހަކައެއް ބުނެދޭ މަންޒަރެކެވެ.
އަތްވާއި ވާރޭގައި ގަދަ ކަނޑުގައި ދަތުރުކުރަށްވައި ރައްޔިތުންގެ ގާތަށް

Ad by Hajj Corporation
ޤައުމުގެ ވަލިޔުލް އަމުރުގެ ވަރުބަލިކަމެއް، ފޫހިކަމެއް، އަރާމެއްނެތި ގަދަ ކަނޑުގައި ބޯ ވިއްސާރާގައި ވެސް އެވަޑައިގަންނަވަނީ ރައްޔިތުންގެ ގާތަށެވެ. އެ ރަށްޔިތުންގެ ހާލުބަލައި، މުހުތާދުތައް އޮޅުން ފިލުމަށެވެ. ވަގުތުން ގެނެސްދެވެން އޮތް ހައްލެއްނަމަ ގެނެސްދެއްވުމުގެ އުފާވެރިކަން ދެއްވައެވެ. ތަރުތީބަކުން ކުރެވެން އޮތްކަމެއްނަމަ އެކަމެއްގެ ތަރުތީބު ހިއްސާކުރަށްވައި ހާސިލްވާނެ މުއްދަތުވެސް ދެއްވައެވެ.
މިއީ މި މަންޒަރުގެ އެއްބައެވެ. އަނެއް ބަޔަކީ ބޯވާރޭގައި ރައްޔިތުން އެ ރައީސަށް މަރުޙަބާ ކުޔަން ނުކުމެ ތިބޭ ސަބަބެވެ. އެ ރައީސަށް ހިތުގައި އޮތް ލޯތްބެވެ. އެ ރައީސާމެދު އޮތް ކުލުނެވެ. މި ރައީސަށް އޮތް އިތުބާރެވެ. ކުރީގެ ރައީސުން ލޮލަށް ފެންނަނީ އިންތިޚާބެއް ބޯމަތިވުމުންކަމަށް ވިޔަސް މިއީ ހަމައެކަނި އިންތިޚާބަކާއި ދިމާކޮށް ވަޑައިގަންނަވާ ރައީސެއްނޫންވީމައެވެ.
ރައީސް މުޢީއްޒު ށ. ޅައިމަގުގައި، ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ހާލުބައްލަވައި ހައްލު ހޯދަވައިދެއްވުމުގެ ލާމަސީލު ނަމޫނާއެއް
މި މަންޒަރާއި މިވާހަކަތައް ދެމިގެންދަނީ ނޫމަރާއިން ފެށިގެން މާއުނގޫދޫ އަށް ރައީސް ނިންމެވި ދަތުރުފުޅުން އެކަންޏެއްނޫނެވެ. ށ.އަތޮޅުގެ ކުރިން މިދިޔަ ހަފުތާ އެމަނިކުފާނު ހޭދަކުރެއްވީ އަރިއަތޮޅު ދެކުނު ދެކުނު ބުރީގެ ރަށްތަކުގެ ރައްޔިތުންގެ ގާތުގައެވެ. އޭގެ ކުރީގައި އަށް ދުވަސް ހޭދަކުރެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށުގެ ރައްޔިތުންނާއެކުއެވެ. މިހެން ދަންނަވާނެކަމެއްނެތެވެ. އަދި ވެރިކަމަށް ދެ އަހަރުވެސް ނުފުރޭ، ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ރައްޔިތުންނާ ދުރުގައި ހުންނެވި ވަގުތެއްނެތެވެ. އެމަނިކުފާނު ރައްޔިތުން ހާލުބެއްލެވުމަށް ކުރަށްވާ ދަތުރުފުޅުގައި މިހާރު ވަޑައިނުގަންނަވާ އޮތީ މަދު އޮތޮޅަކަށެވެ. އެ އަތޮޅުތަކަށް ވެސް ކުރިން އޮތީ ވަޑަައިގެންފައިކަމުން ރައީސް ރައްޔިތުންނާއި ހަމައަށް ވަޑައިނުގަންނަވާ ރަށެއް ނެތެވެ. ބައެއް އަތޮޅުތަކަށް، ރަށްތަކަށް ދެ ފަހަރު ތިންފަހަރު ވަޑަައިގެންފިއެވެ.
ރައީސް މުޢިއްޒު ށ. ނޫމަރާ ކުޑަކުއްޖަކާ ސަލާމް ކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ހާލު ބައްލަވަން ވަޑައިގަންނަވަނީ ވޯޓަކާއި ގުޅިގެންނެއްނޫން
އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރައީސް މުޢިއްޒު ރައްޔިތުންގެ ހާލު ބައްލަވަން ވަޑައިގަންނަވަނީ، އެއްވެސް އިންތިޚާބަކާ ނުވަތަ ވޯޓަކާ ގުޅިގެން ނޫންކަމެވެ. އިންތިޚާބުތަކަށް ދުވަސްކޮޅަކަށްފަހު ގިނަ ލީޑަރުން ރައްޔިތުންނާ ދުރުވެ ގެއްލެއެވެ. އެމީހުންގެ މައްސަލަތައް އަޑުއެހުން ހުއްޓާލައެވެ. އަނެއްކާ ވެސް އެފަދަ ބޭފުޅުން ފެންނަނީ އިންތިޚާބެއް ބޯމަތިވީމައެވެ. ނަމަވެސް ރައީސް މުޢިއްޒު ތަފާތެވެ. ފުރަތަމަ ދުވަހުން ފެށިގެން އެއްގޮތެއްގައި އެބަ ދެމި ހުންނަވައެވެ. އެމަނިކުފާނު މިކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އެމީހުންނަށް ދިމާވާ ދަތިތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދިނުމެވެ. މިއީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ ހައްޤުތަކަށް އިސްކަންދެއްވާ ކަމުގެ ހެއްކެކެވެ.
ރައީސް މުޢިއްޒު ޅައިމަގު ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ބޭނުމި މި މުރާލިކަން، މި އޯގާތެރިކަން
ޝައްކެތް ވެސް ނެތް ގޮތުގައި ރައީސްގެ ފަރާތްޕުޅުން ފެންނަމުން ދަނީ ރައްޔިތުންގެ ހާލު ބަލައި، އެމީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށްޓަކައި ލީޑަރުންގެ ފަރާތުން ފެންނަންޖެހޭ އެންމެ މުހިންމު ސިފަތަކަކެވެ. ގައުމުގެ ކުރިއެރުމާއި ދަރައްގީއަށް އެންމެ ބޭނުންވާނެ ބުންވަޒާއި ހިތްވަރެވެ. ހީވާގިކަމާއި، މުރާލިކަމާއި، އޯގާތެރިކަމެވެ. މިސިފަތައް ރައީސް މުޢިއްޒުގެ ކިބައިން ދަނީ ފެންނަމުންނެވެ. އެމަނިކުފާނުގެ ވެރިކަން ފެށުނީއްސުރެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގަންނަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޝަކުވާތަކާއި ހުށަހެޅުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހަމަ ލާމަސީލުއެވެ. ރަށު ކައުންސިލްތަކާއި، އާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، އެއްވެސް ވަކި ފަރާތަކަށް ތަފާތުކުރުމެއްނެތި އެންމެންގެ ހުރި ކަންބޮޑުވުންތައް އައްސަވައި، އެއަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތަކީ، އެމަނިކުފާނު ރައްޔިތުންނަށް ދެއްވާ އަހަންމިއްޔަތުކަމާއި، އެންމެ ފުރަތަމަ އިސްކުރައްވަނީ ގައުމާއި ރައްޔިތުންކަން ރަމްޒުކޮށްދޭ ކަމެކެވެ. މިފަދަ ހީވާގިކަމާއި، ރައްޔިތުންނަށް ދެއްވާ ސަމާލުކަމަކީ ދިގު މުއްދަތަކަށް ދެމިގެންދާނެ ތަރައްޤީއެއްގެ ބިންގަލެވެ.
ރައީސް މުޢިއްޒު ށ. މިލަންދޫގެ ދޮށީ އުމުރު މީހަކާއި ސަލާމް ކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް
އާނެއެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހީވާގިކަމާއި، މުރާލިކަމާއި، ރައްޔިތުންނަށް އޯގާތެރިވެ ހާލު ބެއްލެވުމުގެ ސިފަތަކަކީ ދިވެހިރާއްޖެއަށް އުފާވެރި މުސްތަޤުބަލެއްގެ ތަޅުދަނޑިކަން ގައިމެވެ. ބޭނުމީ މިފަދަ ހީވާގި، މިފަދަ އޯގާތެރިކަމެވެ. މިފަދަ ތައުލީމާއި ގާބިލުކަމާއި ތަޖުރިބާއެވެ. ރައީސް މުޢިއްޒަށް މިކަމުގައި ވެސް އޭ ޕްލަސް އެއް ދޭންޖެހެނީ މިހެންވެއެވެ.