"ފަލަސްޠީނުގެ ހާލަތުން ވެސް އެމްޑީޕީން މަސައްކަތްކުރީ ސިޔާސީ މަންފާއެއް ހާސިލްކުރަން"
2 އޮކްޓޯބަރު 2025 - 07:10

ފަލަސްޠީނަށް ކުރިމަތިކޮށްފައިވާ ހާލަތުގެ ބޭނުން ހިފައިގެން، އިދިކޮޅު އެމްޑީޕީން ގެންދަނީ ސިޔާސީ މަންފާއެއް ހާސިލްކުރަން މަަސައްކަތްކުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާތީ އެކަން ހުއްޓުވުމަށް އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރުކުރަމުންދާ އުޅަނދުތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

Ad by Hajj Corporation
މި މައްސަލަ ބަލައިގަތުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީއޮތް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މައްސަލައިގައި ބަހުސްކުރެއްވުމަށް ލިބިވަޑައިގަތް ފުރުސަތުގައި ވާހަކަފުޅުދައްކަވަމުން ގިނަ މެމްބަރުންތަކެއް ވަނީ، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެޔޮ ނިޔަތުގައިކަމަށް ހީފުޅުނުކުރެވުނު ނަމަވެސް، މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވުމަށް ލިބިވަޑައިގަތް ފުރުސަތުގައި މެމްބަރު މައުރޫފް ދެއްކެވި ވާހަކަފުޅުން، މިއީ ހެޔޮ ނިޔަތުގައި ކުރިކަމެއްނޫންކަން ހާމަވެފައިވާ ކަމަށެވެ.
އަޅުގަނޑު ފުރަތަމަ ހީކުރީ މި ކުއްލި މައްސަލައަކީ ވަރަށް ހެޔޮ ނިޔަތުގައި ހުށަހެޅި ކުއްލި މައްސަލައެއް ކަމަށް. އެހެންނަމަވެސް، މި މައްސަލަ ހުށަހެޅުއްވި މެމްބަރު، މައްސަލައިގައި އެ މެމްބަރަށް ލިބިވަޑައިގަތް ފުރަތަމަ ފުރުސަތުގައި ދެއްކެވި ވާހަކަފުޅުން ވަރަށް ބޮޑަށް ސާފުވެއްޖެ، މިވަރުގެ މުހިންމުކަމެއްގައި ވެސް މިއޮތީ، ސިޔާސީ ކޮންމެވެސް ނުބައި މަގްސަދެއް ހާސިލްކުރަންކަން މި މައްސަލަ ހުށަހަޅާފަ- ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް
އެމްޑީޕީން މި މައްސަލަ ހުށަހެޅީ ރަނގަޅު ނިޔަތެއްގައި ނޫންކަން ފާހަގަކުރެއްވި އިތުރު މެމްބަރުންގެ ތެރޭގައި، ސަރުކާރުގެ ބައެއް ނިންމުންތަކަށް މިފަހުން އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ހިމެނިވަޑައިގަންނަވައެވެ.
"މިފަދަ ގަރާރެއް ހުށަހެޅުއްވިކަމަށްޓަކައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހިތާމައަކީ، މިފަދަ މުހިންމު ކަމެއްގައި، މި މައްސަލަ ހުށަހެޅުނުއިރު ވެސް މީގައި ސިޔާސީ ކުލަޖެހިގެން ދިއުން. އެހެންކަމުން އެ ނިޔަތާ ދޭތެރޭގައި ސުވާލު އުފެދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކޮންމެހެން މި ގަރާރު މާ މުހިންމެއް ވެސް ނޫން. ސަބަބަކަށްވަނީ ދިވެހިރާއްޖެ ޒަމާނުއްސުރެ، އަދި މިއަދުގެ މި ސަރުކާރުން ވެސް، ރާއްޖެވީ ކޮންމެ ތަނެއްގައި، ބައިނަލްއަގްވާމީ ކޮންމެ މައިދާނެއްގައި، ކުޑަކުޑަ ގައުމެއްގެ ގޮތުގައި އޮވެ، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި ބުނަންޖެހޭ ހައްގުބަސް އެދަނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރަން -ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
މި ދެ މެމްބަރުންގެ އިތުރުން ވެސް، ގިނަ މެމްބަރުންތަކެއް ވަނީ އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި މި މައްސަލަ، ހުށަހެޅުއްވި ނިޔަތާމެދު ސުވާލު އުފައްދަވައި ވާޙަކަފުޅުދައްކަވާފައެވެ.
ގިނަ މެމްބަރުންގެ ވާހަކަފުޅުގައިި. ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަންކަން ކުރައްވަމުންދަނީ އަދުގެ ސަރުކާރުން ކަން ފާޙަގަކުރައްވާފައިވެއެވެ.
އެގޮތުން، ޔަހޫދީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވޭނެ ގޮތް ހެދީ އަދުގެ ސަރުކާރުން ކަމަށާއި އެއީ އިސްލާމީ ބޮޑެތި ޤައުމުތަކަށްވެސް ނޭޅުނު މުހިންމު ފިޔަވަޅެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ އަދުގެ ދުނިޔެއިން ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު ނަމަވެސް ރާއްޖެފަދަ ކުޑަ ޤައުމަކުން ޤައުމަށް އެކަށީގެންވާ މިންވަރަށް އެކަންކަން ކުރައްވަމުންދާ ކަަމަށެވެ. އެ މައްސަލަ ސިޔާސީ ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި އިދިކޮޅު ފަރާތްތަކުން އަޑުއުފުލާފައިނުވާ ކަމަށާއި އެއީ ފޮރުވިފައިވާ ސިއްރުތަކެއް ހުރުމުން ކަމަށް ޒަރީރު ވިދާޅުވިއެވެ.


