މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ކޮމިޓީއަށް
13 އޮކްޓޯބަރު 2025 - 05:13

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނުނޫގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ނަންތައް ފޮނުވީ މަޖިލީހުގެ ތަޅުމަށް އެ ނަންތައް އިއްވުމަށް ފަހު އެވެ.

Ad by Hajj Corporation
މީޑިއާ ކޮމިޝަނަށް ކުރިމަތިލި ބޭފުޅުން
1- ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
2- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
3- ޝަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
4- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
5- އިބްރާހިމް މުހައްމަދު، ގ. ވިންޑް
6- މޫސާ ރިލްވާން، މ. ހާވިލާ
7- ފާރިސް ތޯހާ، ހ. ސޯސަން
8- ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
9- މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
10- ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ. މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުންގެ އެކުލެވޭއިރު ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މީޑިއާތަކުގެ ފަރާތުން ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ގެ 26 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުން، މެންބަރުކަމުގެ މަޤާމުގައި ދެމިތިބޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ޤާނޫނުގެ ދަށުން މެންބަރުކަމަށް ޢައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 2 ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.