ޙިޔާލުހޯދުމުގެ އާންމު ވޯޓު ނެގުމުގައި މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފި
13 އޮކްޓޯބަރު 2025 - 09:49

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދަން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ޤަރާރަކުން ކަނޑައެޅޭނެއެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އަނބުރާ ފޮނުވާލާ ހާލަތްތަކުގައި އެ ބިލަކާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްވެސް އާންމު ވޯޓެއް ނެގިދާނެއެވެ.
މަޖިލީހުން އެކުލަވައިލި ގަވާއިދުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ވޯޓަށް އެހުމަށް ވަކިވަކި މެންބަރުންނާއި މަޖިލީހުގެ ރައީސަށްވެސް ހުށަހެޅުއްވޭނެއެވެ. ނަމަވެސް ރައީސް އަލުން ވިސްނުމަށް ފޮނުވާ ބިލުތަކުގައި ރައްޔިތުން ޚިޔާލު ހޯދަން ވޯޓަށް އެހުމަށް ހުށަހެޅުއްވޭނީ މަޖިލީހުގެ ރައީސެވެ.
މަޖިލީހުގެ މެންބަރަކު ނުވަތަ ރައީސް ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ޤަރާރު ހުށަހެޅުއްވުމުން އެކަން ދިރާސާ ކުރުމަށް ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކުރައްވާފައެވެ. މި ޤަރާރު ހުށަހަޅުއްވާތާ 14 ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ހުށަހަޅުއްވާ ޤަރާރު ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ރައީސް އަނބުރާ ފޮނުއްވާ ބިލަކާ ގުޅޭގޮތުން ވޯޓު ނެގުމަށް ޤަރާރު ފާސްކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓުންނެވެ.

Ad by Hajj Corporation
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން މަޖިލީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޤަރާރަކުންވެސް ވޯޓަށް އެހޭނެއެވެ.