ފަޤީރުންގެ ދަފްތަރުގައި ފަރުޟު ޙައްޖު އަދާނުކުރެވޭ 376 މީހުން އެބަތިބި
3 އޮކްޓޯބަރު 2025 - 04:42

ފަޤީރުންގެ ދަފްތަރުގައި ފަރުޟު ޙައްޖު އަދާނުކުރެވޭ 376 މީހުން އެބަތިބިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ ރައީސް މުއިއްޒުގެ ވެރިކަމުގައި، މިވީ 2 އަހަރުތެރޭގައި ފަރުޟު ޙައްޖު ނުކޮށް ތިބި 100 ފަޤީރުން ސަރުކާރުންވަނީ ޙައްޖަށް ފޮނުވާފައިކަމަށެވެ. އަދި މިހާރު ފަޤީރުންގެ ދަފްތަރުގައި ފަރުޟު ޙައްޖު އަދާނުކުރެވޭ 376 މީހުން އެބަތިބިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
އެ ވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިމޭނެކަމަށެވެ.
ހައްޖާއި ގުޅުންހުރި ކަންކަން ހަރުދަނާ ކުރެއްވުމުގެ އިތުރުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން ހައްޖާއި ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.