ހައްޖުވެރިން ސިއްހީގޮތުން ސަމާލުކަންދޭވީ ކަންކަން ސައުދީން އަންގައިފި
21 އޮކްޓޯބަރު 2025 - 11:31

1447ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިން ސިއްހީގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވާފައިވާކަމަށް އިސްލާމީކަންތައްތަކާ ބޭހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ހައްޖުވެރިންނަށް ދޭންޖެހޭ އިރުޝާދުތައް އެ ވުޒާރާގެ ސަމާލުކަމަށް ގެނުވައި ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަމާބެހޭ ވުޒާރާއިން ވަނީ ސާރކިއުލާރއެއް ފޮނުވާފައި ކަމަށެވެ.

Ad by Hajj Corporation
އެވުޒާރާއިން ބުނީ ކޮންމެ އަހަރަކުވެސް ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޖުވެރިން ދަތުރުކުރާ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އަންގާކަމަށެވެ. އެގޮތުން މިއީ ހައްޖުގެ ކަންކަން ހަރުދަނާކޮށް، އަމާންކަމާއި، އޮމާންކަމާއެކު ގެންދިޔުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެކެވެ.
ހައްޖުވެރިން ސިއްހީގޮތުން ސަމާލުވާން ޖެހޭނެކަންކަމަކީ ސައުދީން ސިއްހަތާބެހޭ ވުޒާރާގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމާއި، ހައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންވާކަން ކަނޑައެޅުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ކަންކަން އެކަށައެޅުމާއި، ސިއްހީގޮތުން ކުޅަދާނަކަން ލިބިގެންވާކަން އަންގައިދިނުމަށް ސަރުކާރުން ރެގިޔުލޭޓުކުރާ ސިއްހީ މަރުކަޒުތަކުން އަސްލާއެއްގޮތްކަން އަންގައިދޭ ތައްގަނޑުޖަހާފައިވާ މެޑިކަލް ސަޓިފިކެޓެއް ހައްޖުވެރިޔާއަށް ދިނުމެވެ.
ހައްޖަށްދާ ހައްޖުވެރިޔާއަކީ ބައްޔެއް ތަހައްމަލު ކުރަމުންގެންދާ ފަރާތެއް ކަމުގައި ނޫންކަން ކަށަވަރުކުރުމަށް ބަލާ މިންގަނޑުތަކަކީ:
- އަސާސީ ގުނަވަންތަކުން ގުނަވަނެއް ފެއިލްވެފައިވާ ފަރާތްތަކަށް ނުވުން.
- ނާރުގެ ނުވަތަ ނަފްސާނީ ބަލި ތަހައްމަލްކުރާ ފަރާތަކަށް ނުވުން.
- ޑިމެންޝިއާ ބަލިޖެހިފައިވާ މުސްކުޅި އުމުރުގެ މީހަކަށް ނުވުން
- މާބަނޑުވުމުގެ އެންމެ ފަހުގެ ތިންމަސް ގުނަމުންފާ އަދި މާބަނޑުވުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ވިހެއުމުގެ ރިސްކު އޮތް މީހެއް ކަމުގައި ނުވުން.
- ކީމޯ ތެރަޕީ ނުވަތަ ބަޔިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހަކަށް ނުވުން.
- އާންމު ސިއްހަތަށް އަސަރުކުރާ ޖަރާސީމުތަކަށް ޖެހޭ (ޓީބީ އާއި، ހެމަރޭޖް ހުން ފަދަ) ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތަކަށް ނުވުން.
އެސާރކިއުލާރގައި ބުނެފައިވަނީ ހައްޖުގެ މަތިވެރި އަޅުކަމަކީ ދުނިޔޭގެ ކަންކޮޅުތަކުން އެތައް މިލިއަން މީހުން ސައުދީ އަރަބިއްޔާގެ މައްކާގެ ބިމަށް އެއްވެ އަދާކުރާ އަޅުކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ތެރޭގައި ސިއްހީގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާއި، ޝަރުއީ މަގުސަދުތަކާއި މަސްލަހަތަށް ރިއާޔަތްކޮށް ސައުދީ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.