އެއްބަސްވުމާ ޚިލާފުވެ، ކުއްޔަށްދޭ ފްލެޓުތައް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަނީ
11 އޮކްޓޯބަރު 2025 - 12:11

ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުން، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ އަދި އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫންކަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ މިހެން ވިދާޅުވީ،ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅައިފައިވާ 4،000 ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމާއެކު، އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރަން ފެށި މައްސަލަތަކެއް ފެންމަތިވެފައި ވުމުންނެވެ.

Ad by Hajj Corporation
މިނިސްޓަރ ގެ ޕޯސްޓުގައި ވަނީ،އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށް ވިދާލުވެފައެެވެ. އަދި ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން ފްލެޓުތައް ގަވައިދާ ޚިލާފަށް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވުމުން، އެފަދަ ފުލެޓުތައް ހޯދައި އަތުލުމަށް، ފުލެޓުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ނިންމައިފައިވާ ކަމަށް ވެސް މިނިސްޓަރގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫނެވެ -މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓަކުން ފެންނަ ގޮތުގައި، އެފްޑީސީން ކުއްޔަށް 10،500 ރުފިޔާ ނަގާ ތިން ކޮޓަރީގެ އެޕާޓްމަންޓެއް އެހެން ބަޔަކަށް ކުއްޔަށް ދިނުމަށް އިޝްތިހާރުކުރަނީ 25،000 ރުފިޔާގެ ކުއްޔަކަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަވާލުވެފައިވާ އެ ފުލެޓުތަކުގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތައް ވެސް، އެ ފުލެޓުތަކުގެ ވެރިންގެ އަތުން ނަގާ ކުއްޔަށް ވުރެ މާ ބޮޑު އަގުތަކުގައި އެހެން މީހުންނަށް ކުއްޔަށް ދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ.