މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސް
13 އޮކްޓޯބަރު 2025 - 04:28

މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މިއަދު އިރުއޮއްސި 6 އަށް ރާއްޖޭގެ މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިއްސާރަގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ ނ. މާފަރަށެވެ. އެއީ 79.2 މިލިމީޓަރުގެ ވާރޭއެވެ.
މިއަދުން ފެށިގެން ރާއްޖެ ސަރަހައްދަށް ވައިވެސް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެެވެ. އަދި ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.