މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

14 އޮކްޓޯބަރު 2025 - 02:19
މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެކަމަށް ލާފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން މިއަދު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މިގޮތުން މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އާ ހަމައަށް މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation
މީގެ އިތުރުން، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން އިއްޔެ ލަފާކޮށްފައިވާއިރު، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދަށް، ވައިބާރުވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން އިއްޔެ ބުނެފަވެއެވެ.
މިގޮތުން ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވާނެކަމުގެ އިންޒާރާ ގުޅިގެން އެމްއެންޑީއެފުން ވެސް އިއްޔެ ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ޚާއްސަ އިލްތިމާސެއް ކޮށްފައެވެ. އެގޮތުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ނުވަތަ މެޓް އޮފީހުގެ ހޮޓްލައިނަށް ގުޅުމަށް އިރުޝާދު ދީފައިވެއެވެ.