ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ، ސަމާލުވުމަށް އިލްތިމާސްކޮށްފި
25 ނޮވެމްބަރު 2025 - 06:04

ރާއްޖެއަށް މިހާރު ކުރަމުން އަންނަ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދާއި މިރޭވެސް ރާއްޖޭގެ އެކިހިސާބަށް، ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އުތުރާއި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

Ad by Hajj Corporation
ވައި ޖެހޭނެކަމަށް ލަފާކުރަނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2 ފޫޓާއި، 5 ފޫޓު ހުންނާނެ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރޭގައި ރާޅުގެ އުސްމިނުގައި 3 ފޫޓާއި، 6 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.


