ދުންފުހުގެ އަސަރު ދަނީ ދަށްވަމުން
11 ޖެނުއަރީ 2026 - 05:57

ދުން ފުހުގެ އަސަރު މަޑުމަޑުން ދަށްވަމުން އަންނަކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އދިާރާ އިން ބުނީ ދުރު ފެންނަ މިންވަރު މިއަދު ހުރީ 4 ކިލޯ މީޓަރުގައި ކަމަށާއި އެހެންނަމަވެސް އެންމެ ބޮޑަށް ވައި ނުސާފުވިއިރު، ދުރު ފެންނަ މިންވަރު ގާތްގަނޑަކަށް 1.5 ކިލޯ މީޓަރަށްވެސް ދަށްވިއެވެ. އަދި މުޅި އިރުވައި މޫސުމުގައިވެސް އެކި ދުވަސްތަކުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ބުނެއެވެ.

Ad by Hajj Corporation
އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ތަޣައްޔަރުކަން ވަނީ ދަށްވެފަވެ. އަދި މިވަގުތަށް ވައި އެންމެ ނުުސާފީ މާލެ ސަރަޙައްދުގައިކަމަށްވާއިރު، މިސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ، 110 ގައެވެ.
ނިމުނު ހަފުތާގައި ވައިގެ ނުސާފުކަން 190 އަށް އަރާފައިވެއެވެ. ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ.
ވައި ނުސާފު ކަމުގެ މިންވަރަށް ބަލާ ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ދަނީ އިރުޝާދު ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.
އެހެންކަމުން ވައި ނުސާފު ވަގުތުތަކުގައި ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، އަދި ނިކުންނައިރުވެސް އެން.95 މާސްކު ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


