ކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީ ކުރާނީ މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި :ރައީސް
13 އޮކްޓޯބަރު 2025 - 10:59

ކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީކުރާނީ 20 އެނދުގެ ޖާގައާއެކު، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޞިއްޙީ މަރުކަޒުގެ މަސައްކަތް މިހާރު ކުރިއަށްގެންދެވުމަށް ނިންމަވާފައިވަނީ އެހެން ފަރާތަކާ ހަވާލުކުރައްވައިގެން، ދެ ފަންގިފިލާގެ، 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ނިންމެވުމާއެކު ސަރަޙައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ޙަޤީޤަތަކަށް ހެއްދެވުމަށް، އިތުރު ބާރަކަށް ވެގެންދާނެއެވެ.

Ad by Hajj Corporation
ރިޔާސީ އިންތިޚާބުގައި ކަނޑިތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތީން، މި ދަތުރުފުޅުގައި ހިމެނިގެން ކަނޑިތީމުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ނިމޭނޭ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ، ކަނޑިތީމުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތަކާ ގުޅުން ހުރި އިތުރު އެއްބަސްވުންތަކުގައިވެސް ސޮއިކުރައްވާފައެވެ. އެގޮތުން، 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރަށު ކައުންސިލުން އެދިވަޑައިގެންނެވި ދެ މަޝްރޫޢު ކަމަށްވާ، ކަނޑިތީމު މަގުހެދުމުގެ މަޝްރޫޢާއި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި އެރަށުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ކަނޑިތީމު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފައްޓަވައިފައެވެ.
މީގެ އިތުރުން، ކަނޑިތީމާއި އަދި އެހެން ރަށްރަށުގައިވެސް ހިއްކާފައިވާ ސަރަޙައްދުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުއެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.