ބިޔަ މަޝްރޫޢުތައް އަވަސްކުރުމަށް ބޮޑެތި ޑްރެޖަރުތަކެއް ރާއްޖެއަށް

14 އޮކްޓޯބަރު 2025 - 19:49
ރާއްޖޭގައި ކުރިއަށްދާ ބިޔަ ބައެއް މަޝްރޫޢުތައް އަވަސް ކުރުމަށްޓަކައި ބޮޑެތި ޑްރެޖަރުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation
ށ. ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި މިމަހު ނިމުމުގެ ކުރިން 11،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެނެވޭނެއެވެ. އަދި ނޮވެމްބަރު މަހުގެ ތިންވަނަ ހަފްތާގައި 40،000 ޓަނުގެ އިތުރު ޑްރެޖަރެއް ރާއްޖެ ގެނެވޭނެ ކަމަށާއި، މި ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ތިންވަނަ ޑްރެޖަރެއް ޑިސެމްބަރު މަހުގެ ތެރޭގައި ގެނެވޭނެއެވެ. މި ޑްރެޖަރުން ފުރަތަމަ ހއ. ދިއްދޫގެ ޕްރޮޖެކްޓް ތިން ހަފްތާގެ ތެރޭގައި ނިންމުމަށްފަހު، ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ.
ށ. ކޮމަންޑޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
އެމް.އޭ.ސީ.އެލްއިން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ އެ ދާއިރާއިން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުންކަން ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރާއްޖޭގެ އުމުރާނީ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫޢުތައް މިހާރު ފެށިފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާއެއްގޮތަށް ގިނަ މަޝްރޫޢުތައް ފެށުމަށް މިހާރު ހުރީ އެކި މަރުހަލާތަކުގައިކަން ފާހަގަކޮށްލެވެއެވެ.