ނަރުދޫގެ ނަރުދަމާއާއި ބަނދަރުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
15 އޮކްޓޯބަރު 2025 - 08:36
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު 2 މައްސަލައަކީ ނަރުދަމާއާއި ބަނދަރުގެ މައްސަލަ ކަމަށާއި، މިކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނަރުދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ފެނާއި ނަރުދަމާގެ އިތުރުން ބަނދަރުގެ މައްސަލައަކީ މިވަގުތު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު 2 މައްސަލަކަމަށް ޤަބޫލުފުޅުކުރައްވާކަމަށާ، މިކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަންކަމުގެ ތެރެއިންވެސް އެންމެ މުހިންމީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެގެން ދިއުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފެނަކައިން މި މަސައްކަތް އަލުން ފައްޓަވާނެ ކަމަށާއި، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި ބާރު ދުވެލީގައި މިކަން ކުރިއަށްދާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ށ. ނަރުދޫގެ ބަނދަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަލަންޖެހޭ ހުރިހާ ކަންކަމަށް ބެލުމަށްފަހު، ބަނދަރު ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް ބަނދަރު ބޮޑުކުރުމުގެ ހުއްދަ، ކަމާ ބެހޭ ވުޒާރާއަށް ދެއްވާފައިވާނެ ކަމަށެވެ. ރަށުގެ ރައްޔިތުންނަށް އަމާން ބަނދަރެއް ގާއިމުކޮށްދެއްވުމަށް ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާ، މިކަމަށް ކުރަންޖެހޭ ޚަރަދަކީ މައްސަލައެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ށ. ނަރުދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިގެން ގިނަ މަޝްރޫޢުތަކެއް މިއަދު ފެށިގެންދިޔައިރު، އޭގެތެރޭގައި ޢަމަލީ ގޮތުން މަސައްކަތް ފެށި މަޝްރޫޢުތަކާއި އެއްބަސްވުމުގައި ސޮއިކުރެވުނު މަޝްރޫޢުތައް ހިމެނެއެވެ.
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، ށ. ނަރުދޫގެ ރައްޔިތުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމުގެ އުންމީދު އައުކޮށްދެއްވާފައެވެ.