ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމު ކުރެވޭ ވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެ: ރައީސް
15 އޮކްޓޯބަރު 2025 - 11:24

ރާއްޖޭއަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ގާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ވަނީ ސާބިތުކޮށްދީފައި ކަމަށެވެ.

Ad by Hajj Corporation
ދަނޑުވެރީންގެ ދުވަހުގެ ހެޔޮ އެދުންތައް މި ޞިނާޢަތް ކުރިއަރުވައި ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގައި ގައުމަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދުތަކާއެކު. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމްކުރުމަށް ސަރުކާރުންކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާކަން މިދިޔަ މަހުގެ 10 ވަނަ ދުވަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.
ރައީސްގެ އެ ނިންމެވުމާއި އެއްގޮތަށް، މިއަދުން ފެށިގެން އެސްޓީއޯގެ ފިހާރަތަކުން އެ 23 ބާވަތުގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މިއަދު ވަނީ ބުނެފައެވެ.
އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިކަމުގެ ދުވަސް ކަމަށް ސަރުކާރުން ކަނޑައެޅީ 2020 ވަނަ އަހަރު އެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވި މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކާ ކުރިމަތިވާ ހުރަސްތަކާއި ދިމާވާ ދަތި ކަންކަން ފާހަގަކޮށް، އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތައާރަފުކުރުން ކަމުގައި ސަރުކާރުން އޭރު ވަނީ ބުނެފައެވެ.
ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ދަނޑުވެރިކަން ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.