logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ގެއްލުނު މައްސަލަ: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި

އާމިނަތު ޝަފާ
15 އޮކްޓޯބަރު 2025 - 11:42
 ސިނގިރޭޓް ގެއްލުނު މައްސަލަ: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައިގައި 6 މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ސިނގިރޭޓުތައް ގެއްލުނު ދުވަހުން ފެށިގެންވެސް ކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށާއި އަދި އިތުރު މުވައްޒަފަކު 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމް.ޕީ.އެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.

އެމްޕީއެލްއިން ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށްކަމަށާއި މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށެވެ.

އެމްޕީއެލްއިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިންނެވެ. އެ ކުންފުނިން ބުނީ މި ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއްކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން މިހާރުވަނީ ފަށާފައެވެ.

" އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ." އެމްޕީއެލް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކޮށް އެ ކުންފުނިން ބުނީ މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުންކަމަށެވެ.

މީގެ އިތުުރުން، އެމް.ޕީ.އެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ޤާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓަރމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ކުރަމުންދާކަމަށްވެސް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

" މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާކަން ފާހަގަކުރަމެވެ." އެމްޕީއެލް

މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްޕީއެލްއިން ބުނީ މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމުކުރަމުން ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް މިކަމާއި ގުޅޭ މަޢުލޫމާތު މީޑިއާއާ ޚިއްސާކުރާނެކަމަށެވެ.

މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ކުންފުނިން ފަސްނުޖެހޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވައި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުންކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ގެއްލުނު މައްސަލަ: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި ޚަބަރު | 3 ގަޑިއިރު ކުރިންއެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންވަގަށް އެތެރެކުރި ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގުކުރަން ފަށައިފިޚަބަރު | 6 ދުވަސް ކުރިންއެމްޕީއެލްއިން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީޚަބަރު | 20 ދުވަސް ކުރިން